ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ލަހުން ނަަމަވެސް އެމްޑީއެން އުވާލުމަށް ނިންމެވުމުން ޝުކުރުދަންނަވަން: ޑރ. އިޔާޒް

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެމްޑީއެން އުވާލުމަށް ނިންމިކަން ހާމަކޮށް، ޔޫތު މިނިސްޓްރީން ނެރުނު އިއުލާނާއެކު މިނިސްޓަރު އަހުމަދު މަހުލޫފު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަތަކެއް ހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގަށް ކަށަވަރުވެފައިވާތީ، ޖަމިއްޔާތަކާބެހޭ ގާނޫނޫގެ ދަށުން އެމްޑީއެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މަހުލޫފުގެ މި ޓުވީޓަށް ޖަވާބުދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ލަހުން ނަމަވެސް އެމްޑީއެން އުވާލަން ނިންމެވީތީ މިނިސްޓަރު މަހުލޫފަށާއި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ކުށެއް ކޮށްފި ނަމަ އެންމެންވެސް ހަމަހަމަވާން ވާނެ. އެމްޑީއެން އެވަނީ ވަރަށްބޮޑު ކުށެއް ކޮށްފަ. އެހެންވީމަ އެކުށުގެ އަދަބު އެމީހުންނަށް ދެވެން ޖެހޭ" ކަމަށްވެސް ޑރ. އިޔާޒު އިތުރަށް ވިދާޅުވިއެވެ.

އެމްޑީއެން އުވާލުމަށް ސަރުކާރުން މި ނިންމެވީ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބުނެ، އެ ޖަމިއްޔާ އުވާލުމަށް ގިނަބަޔަކު ގޮވާލަމުންއަންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.