ކުއްލި ޚަބަރު

އެންމެ ފަހުވަގުތު ރައީސް ޔާމީންގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް އެންމެ ފަހުވަގުތު ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މިއަދު 13:00ގައެވެ. ނަމަވެސް އެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު ޖޭއެސްސީން ސަސްޕެންޑު ކުރުމާ ގުޅިގެން ދާދި ދެންމެއަކުހެން ކްރިމިނަލް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިިނިސްޓްރޭޝަން، ޑީޖޭއޭ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ޑީޖޭއޭ އިން މިއަދު ޝަރީއަތް ކެންސަލް ކޮށްފައިވާކަން އަންގާފައިވީ ނަމަވެސް، އެ ޝަރީއަތް ދެން ކުރިއަށްގެންދާނެ ދުވަހެއް އާންމުކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ހުލާސާ ބަޔާން ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ނުވަ ވަނަ ދުވަހުއެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާ މި ދައުވާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކުރައްވައި އޭގެ އަސްލު އޮޅުވައިލެއްވި ކަމަށް ބުނާ މައްސަލައެކެވެ.