ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، ހޭނެތުނު މީހަކަށް އެ ސިޓީގެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންް މައުލޫމާތު ދިން ގޮތުގައި އަނިޔާ ލިބުނު މީހާ އަދިވެސް ހޭ ނާރައެވެ.
ރޭ ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި މިހާރު އެނާއަށް ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާ އަދިވެސް ހޭނާރާތީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދިނެވެ.
މިހާދިސާގައި އަނިޔާވެފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެމީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށެވެ.
ރޭ 23:50 ހާއިރު މިހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ސިޓީ ސްޓޭޑިއަމް ކައިރިން ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދަނިކޮށް ކަަހާލައިގެން ވެއްޓިގެންނެވެ. އެގޮތުން ސައިކަލު ވެއްޓިފައިވަނީ ސްޕީޑް ބްރޭކަރުގައި ޖެހި، ސައިކަލު ކޮންޓްރޯލް ނުވެގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.