އާއްމު ސިއްހަތު ކުރިއެރުވުމަށް ދިމާވާ މައިގަނޑު މައްސަލަތައް ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ އާއްމު ސިއްހަތުގެ މަހާސިންތާ ފަށައިފި އެވެ.
"ނެޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގ ޓުގެދާ ފޯ އަ ހެލްދިއާ ނޭޝަން" ގެ ނަމުގައި ކުރިއަށް ގެންދާ ތިން ދުވަހުގެ މަހާސިންތާ މިއަދު ފަށާފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. މި މަހާސިންތާ އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަހާސިންތާގައި މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން، ހުރިހާ ދާއިރާތަކެއް ހިމެނިގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ރާވައިލެވޭނެ އިންތިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ. މި މަހާސިންތާގައި މަޝްވަރާ ކުރުމަށް ހަމަޖައްސާފައިވާ މައްސަލަތަކަކީ؛
- އާބާދީގެ އެކި އުމުރުފުރާތަކަށް އަންނަ ބަދަލުތަކާއިއެކު އާބާދީގެ ސިއްހީ މައްސަލަތައް،
- ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ މާހައުލާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކަށް އައި ބަދަލުތައް،
- ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން، އަދި
- މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުންހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންގެ އާބާދީ އިތުރުވަމުން ދިޔުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަހާސިންތާގައި، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުޗާޓު އެކުލަވާލާނެ ކަމަށެވެ. އަދި މި މަހާސިންތާގައި އާންމު ސިއްހަތު ހިމެނޭ ގޮތަށް ސިއްހީ ހިދުމަތް ދިނުމުގެ ކަންކަން ބައްޓަންކުރުމުގެ އިތުރުން އާންމު ސިއްހަތަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ހެލްތުން މައުލޫމާތު ދެއެވެ.
މި މަހާސިންތާގައި އެހެން ދާއިރާތަކުގެ އެކި މަސައްކަތްތަކާއި ޕްލޭންތަކުގައި ސިއްހަތަށް ބެލުމަށާއި، އެހެން ދާއިރާތަކުގެ ބޭފުޅުންނާއި ޖަމާއަތްތަކުގެ ބައިވެރިވުން އޮތުމުގެ އިތުރުން، މަދަނީ ޖަމާއަތްތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރުމާއި ގުޅިގެން މަޝްވަރާކުރާނެ ކަމަށް އެ މިނިސްޓްރީ ބުނެއެވެ. އަދި ހަމަ އެހެންމެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އިންސާނީ ވަސީލަތްތައް ތަމްރީނުކޮށް، އެކަށީގެންވާ ގޮތުގައި ބޭނުންކޮށް ބިނާ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.