ކުއްލި ޚަބަރު

ޖޭއެސްސީއަށް ހުރަސް އަޅަން ނިންމާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަނީ

1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ހުރަސް އަޅަން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ނިންމުން ޖޭއެސްސީން ނިންމީ މިރޭ ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް އަދި އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން މިރޭ ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ، މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ މަޝްވަރާ ކުރަން ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް މިރެއަށް ތާވަލު ކުރުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ ޖުޑީޝަލް ކައުންސިލުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާމެދު އެ ކައުންސިލުގައި މަޝްވަރާކޮށް އެކަމާމެދު އެ ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައެޅުމެވެ.

އަދި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އަމަލު ކުރުމަށް މަސައްކަތް ކުރާތީ، ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް، ޑރ. އަހުމަދު ފާއިޒުއާމެދު ފިޔަވަޅު އެޅުމަށް ވެސް މަސައްކަތްކުރާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޖުޑީޝަލް ކައުންސިލްގެ އެ ބައްދަލުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި މިރޭ ދަނީ ކުރިއަށެވެ.

ކުއްލި ބައްދަލުވުމެއް ބާއްވާ ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން، ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖޭއެސްސީ އާއި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟