ސިޔާސީ މަގާމު ތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މަގާމު ރައީސް ޔާމީންގެ ދައުރާ އެކު ނިމިގެން ދާނެ ކަމަށާއި އެހެން ކަމުން ރީތި ގޮތަކީ މިހާރު ވެސް އަވަހަށް އިސްތިއުފާދެއްވުން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ އާސަރުކާރުގެ އޮނިގަނޑާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ދާދި ދެންމެ ދެއްކެވި ވާހަކަފުޅުގަ އެވެ.
މާރިޔާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކަން އޮންނަ ގޮތަކީ ޓާމް ހަމަ ވުމާ އެކު، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަގާމު ވެސް އެއާއެކު ނިމިގެން ދިއުން ކަމަށާއި އެހެން ކަމުން ރީތި ގޮތަކީ އިސްތިއުފާދެއްވުން ކަމަށެވެ.
"ދެން އިސްތިއުފާނުދެއްވާ ބޭފުޅުން ތިއްބެވި ނަމަ، އެބޭފުޅުންނަށް ވެސް މަގާމުން ވަކިކުރެއްވި ކަމުގެ ސިޓީފުޅެއް ލިބިވަޑައިގަންނަވާނެ." މާރިޔާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި 700އާ ގާތްކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދަވާފައިވެ އެވެ.