ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ވަނީ ފުރައްސާރަކޮށްފައި، ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިން: ފުލުހުން

1

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފެންނަ ކަމަށް ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އެސެސްމަންޓު ރިޕޯޓެވެ.

ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ފެންނަ ކަމަށް ޔޫތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމަށް ގޮވާލައިފައެވެ. އަދި އެޖަމާއަތާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ ހިތްހަމަަނުޖެހުން ފާޅުކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ސަރުކާރުން ވަނީ އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި އެކަމަށް ފަސް ނުޖެހޭނެ ކަމަށް ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟