ކުއްލި ޚަބަރު

ރާއްޖެ ކައިރިން އުފެދުނު ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ، އަރަބި ކަނޑުގައި ދެ ތޫފާނެއް!

ރާއްޖެ ކައިރީގައި އުފެދުނު ޑިޕްރެޝަންގެ ބާރު ގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއަން މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ރިތުންޖޭ މޮހާޕަތްރާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، ރާއްޖެ ކައިރީގައި އުފެދުނު ޑިޕްރެޝަންގެ ބާރުގަދަވެ ސައިކްލޯން އަކަށް ބަދަލުވެފައިވާ ކަމަށެވެ.

"މަހާ"ގެ ނަން ދީފައިވާ އެ ސައިކްލޯން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މަލިކު އޮންނަ ލަކްޝަދީޕް ޖަޒީރާއަށް ފޯރާނެ ކަމަށެވެ.

އަދި އިއްޔެ ސުޕަ ސައިކްލޯން އަކަށް ބަދަލުވި "ކިޔާރު"ގެ ނަން ދީފައިވާ ތޫފާންގެ ބާރުދަށްވެ، "ސިވިއާ ސައިކްލޯން ސްޓޯމް" އަކަށް ބަދަލުވެފައިވާ ކަމަށް އިންޑިއާގެ މެޓް ޑިޕާޓްމަންޓުން ބުނެއެވެ.

ސުޕަ ސައިކްލޯން އުފެދުމަކީ އިންޑިއާގެ ބޭ އޮފް ބެންގާލްގައި އާންމު ކަމެކެވެ. ނަމަވެސް ކަމާބެހޭ މާހިރުން ބުނާގޮތުގައި، އަރަބި ކަނޑުގައި އެއް ފަހަރާ ދެ ތޫފާން އުފެދުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. އަދި މިއީ 50 އަހަރަށްފަހު އަރަބި ކަނޑުގައި އެއްފަހަރާ ދެ ތޫފާން އުފެދުނު ފުރަތަމަ ފަހަރެވެ.