މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނާ ސޯލްޝެއާ ދުރުނުކުރުމަށް ލިވަޕޫލްގެ ލެޖެންޑް ޖެމީ ކެރޭގާ ގޮވާލައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ޔުނައިޓެޑާ ދެމެދު 15 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް، މިއީ ޔުނައިޓެޑުގެ ކޯޗުކަމުން ސޯލްޝެއާ ދުރުކުރަންވީ ވަގުތު ނޫން ކަމަށް ކެރެގާ ދެކެއެވެ.
"އަހަރެންނަށް ހިއެއް ނުވޭ މިއީ ޔުނައިޓެޑުން ކޯޗު ބަދަލުކުރަންވީ ވަގުތު ކަމަކަށް. އަންނަ ސީޒަނުގައި ކޯޗެއްގެ ގޮތުގައި ސޯލްޝެއާ ބެހެއްޓުމާ މެދު ނިންމަން ޖެހޭ ބޮޑު ނިންމުން ޔުނައިޓެޑަށް އެބައޮތް. ސީޒަނުގެ ވަކި ހިސާބަކުން ކޯޗު ބަދަލުކުރަން ވިސްނައިގެން އެއްވެސް ޓީމަކުން ސީޒަނެއް ނުފަށާނެ،" ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ކެރެގާ ބުންޏެވެ.
ކެރެގާ ބުނީ ކޯޗު ބަދަލުކުރާ ނަމަ އެންމެ ރަނގަޅުވާނީ ސީޒަން ނިމުމުން ބަދަލުކުރުން ކަމަށާއި އޭރުން އާ ކޯޗަށް ވެސް ޓީމު ދަސްކުރަން ވަގުތު ލިބޭނެ ކަމަށެވެ.
މިސީޒަނުގެ ޕްރިމިއާ ލީގަކީ ޔުނައިޓެޑަށް ގޯސް ސީޒަނެކެވެ. މިސީޒަނުގައި ޔުނައިޓެޑުން ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.