ލުބުނާނުގައި ހުއްޓުމެއް ނެތި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މަގާމުން އިސްތިއުފާ ދެއްވަން އެގައުމުގެ ބޮޑުވަޒީރު ސައާދު ހަރީރީ ނިންމަވައިފިއެވެ.
ލުބުނާނުގެ ރައީސް މައިކަލް އައޫންއަށް އިސްތިއުފާ ހުށަހަޅުއްވާނެ ކަމަށް ހަރީރީ ވިދާޅުވިއިރު، ސަރުކާރު ތެރޭގައި ކޮރަޕްޝަން ގިނަވެ، އާންމު ހިދުމަތްތަކުގެ ފެންވަރު ދަށްވެ އަދި އިގްތިސާދު ދޯހަޅިވުމުން ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާތާ 13 ދުވަސް ވެއްޖެއެވެ.
"އަޅުގަނޑު މިދަނީ ރައީސްގެ ޕްރެސިޑެންޝިއަލް ޕެލެސްއަށް ސަރުކާރުން އަޅުގަނޑުގެ އިސްތިއުފާ ހުށަހަޅަން.. މިއީ ލުބުނާނަށް ބަދަލެއް ބޭނުންވެގެން އެތައް ހާސް ރައްޔިތުންނެއް ކުރަމުންދާ ޑިމާންޑާއެކު ނިންމި ނިންމުމެއް،" ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާ ހަރީރީ ވިދާޅުވިއެވެ.
ދުނިޔޭގައި އެންމެ ދަރަނި ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ލުބުނާނުގައި މުޒާހަރާތައް ފުރަތަމަ ފެށުނީ ވަޓްސްއެޕުން ކުރާ ފޯން ކޯލްތަކުން ޓެކްސް ނަގަން ނިންމި ނިންމުމާ ދެކޮޅަށެވެ. ނަމަވެސް އެ ނިންމުން ފަހުން ވަނީ އުވާލައިފައެވެ.
ނަމަވެސް މުޒާހަރާތައް އިތުރަށް ވަރުގަދަވެ، އެގައުމުގެ ރައްޔިތުން ވަނީ އާންމު މައިދާންތަކަށް އެއްވެފައެވެ. އެކަމުގެ ސަބަބުން އެގައުމުގެ ބޭންކުތަކާއި އޮފީސްތަކާއި ވިޔަފާރިތަކުގެ އިތުރުން ސްކޫލްތަކާއި އަދި ޔުނިވާސިޓީތައް ވަނީ ބަންދުކުރަން ޖެހިފައެވެ.
ނަމަވެސް އެ ފިއްތުންތަކާއެކު ވެސް ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަލާމަތީ ބާރުތަކަށް ވަނީ މަރުކަޒީ ބޭންކުން ވަނީ މުސާރަތައް ދީފައެވެ.