އަލްހާން ފަހުމީ

ރައީސް ނަޝީދު އެ އުޅެނީ އަންސަންސޫޗީ އުޅޭގޮތަށް، އެކަން ހުއްޓުވަންޖެހޭ: އަލްހާން

މުހައްމަދު އައުޒަމް

4

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އެ އުޅުއްވަނީ މިޔަންމާގެ އިންތިޚާބީ ރައީސަށްވުރެ މަތީ މަގާމެއްގައި ހުންނަވައި އަންސަންސޫޗީ އުޅުއްވާގޮތަށް ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ރޭ ލިޔުއްވި ސްޓޭޓަސްއެއްގައި އަލްހާން ވަނީ ރައީސް ނަޝީދަށް އެމަނިކުފާނުގެ ހައިސިއްޔަތު އޮޅެނީތޯ ސުވާލު ކުރައްވާފައެވެ.

އަލްހާން ވިދާޅުވީ އިންތިޚާބީ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދަށް ކުރެއްވޭނެ ކަމަކީ ޕާޓީން ސިޔާސަތުތައް ކަނޑައަޅައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ރައްޔިތުންނާ ބައްދަލުކޮށް، މުހިންމު ކަންކަމާމެދު ތިމަންނާ ނުވަތަ ތިމަންނާމެން ކަންކުރާނީ މިވެނި އެވެނި އެހެންނޭ އެކަކުވެސް ބުނެގެން ނުވާނެ،" އަލްހާން ވިދާޅުވިއެވެ.

މިޔަންމާގެ އިންތިޚާބީ ރައީސަށްވުރެ މަތީ މަގާމެއްގައި ހުންނަވައި އަންސަންސޫޗީ އުޅުއްވާގޮތަށް އުޅުއްވާތީ އެކަން ވިޔަދީގެން ނުވާނެ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

"ރައީސް ނަޝީދު ހުއްޓުވަން އެބަޖެހޭ! އިބޫ ސޯލިހު ހުވާކުރައްވާފައި އަންސަންސޫޗީގެ ފިރިހެން ހިޔަންޏަކަށް ރައީސް ނަޝީދު ވިޔަދޭން ހެޔޮނުވާނެއެވެ! އެކަން އެހެން ވިޔަދީގެން ނުވާނެއެވެ!" އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ދާދިފަހުން ވަރަށްބޮޑު ދެ ނުބައެއް ހައްދަވައިފި ކަމަށާއި އެއީ ހަމަ ކަނޑައެޅިގެން ފިތުނައިގެ އަލިފާން ކަމަށެވެ. އަދި އެއީ ހިތާމައިގެ މައްޗަށް ހިތާމަ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވިގޮތުގައި ރައީސް ނަޝީދު ހެއްދެވި ފުރަތަމަ ނުބަޔަކީ ހއ. ދިއްދޫ ރައްޔިތުން އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލަކަށް ދެއްކެވި ޖަވާބެވެ. ނުގަވައިދުން ފްލެޓް ލިބުނަސް އެތަންތަނުގައި އުޅެނީ ދިވެހިން ކަމަށާއި އެ ފްލެޓުތައް އަތުނުލާނެ ކަމަށް ވިދާޅުވި ވިދާޅުވުން ކަމަށް އަލްހާން ފާހަގަކުރެއެވެ.

"މާތް ކަލާކޯއެވެ! ރޯ ގޯހެވެ! މުޅިން އަދި ގުނުންވެސް ނުބައީ ނުބައިކަމަކަށް ނޫނެވެ! ދިވެހި ރައްޔިތުން އިބޫ ސޯލިހު ހޮވީ އެންމެ ކަމަކަށްޓަކައެވެ. އަދުލު އިންސާފު ގާއިމު ކޮށްދިނުމަށްޓަކައެވެ. ފްލެޓެއް ކީއްކުރަންތަ؟ ޗޮކްލެޓެއްވެސް ބަހަންވާނީ، ދޭންވާނީ އިންސާފުން!،" އަލްހާން ވިދާޅުވިއެވެ.

ދެވަނަ ނުބައެއްގެ ގޮތުގައި އަލްހާން ފާހަގަ ކުރެއްވީ ކުށްވެރި ވަނީ ހަމައެކަނި ރިޝްވަތުދޭ މަހުޖަނު ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމެވެ. އޭނާ ވިދާޅުވީ ރިޝްވަތާ ބެހޭގޮތުން ރައީސް ނަޝީދު އިސްލާމްދީނުގައި ކޮޅުފައިން ޖައްސަވައިފި ކަމަށެވެ.

"ރިޝްވަތާ ބެހޭގޮތުން ރައީސް ނަޝީދު ކަނޑައެޅިގެން އިސްލާމް ދީނުގައި ކޮޅުފައިން ޖަހައިފިއެވެ!

ބާރާއި އިޚްތިޔާރުގެ ހަމައެކަނި، ވެރިރަސްކަލާނގެ އަމުރުފުޅާ، މިއުންމަތުގެ ރަސޫލާގެ ސުންނަތް އޮތީ ބިންތުޅާ ކިލާޖަހާފައެވެ! 'ގަލުގައި ތަލާ ދޮވުނަސް' މާތްރަސްކަލާނގެ އަމުރުފުޅު ވަތަކުތޯ ޖެހޭނެ ގޮތެއް ނެތެވެ!

ރިޝްވަތު ހިފާ ފަނޑިޔާރުންގެ ކުށެއް ނެތޭ! ކުށްވެރީ ރިޝްވަތު ދޭ މަހުޖަނޭ ބުނަން ރައީސް ނަޝީދަކީ ކާކުތޯއެވެ.

މިކަމުގައި ގުއިވަޅު މެއްސެއްގެ ހައިސިއްޔަތުވެސް އެއްވެސް އިންސާނަކަށް ނެތެވެ! މާތް ކަލާނގެ ކަށަކުޅަދުންވަންތަ ކަމެވެ!،" އަލްހާން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟