މާލިއްޔަތު ކޮމެޓީ

ނޫމަޑިއަށް ބަދަލު ދޭން ޖެހުނު މައްސަލައިގައި މުއިއްޒު ކޮމިޓީއަށް ހާޒިރުކުރަނީ

ރާއްޖޭގެ ސަރަހައްދުތަކެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓްސްއާއެކު ހެދި އެއްބަސްވުމުން އުވާލުމުން ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ނޫމަޑިން 155 މިލިއަން ޑޮލަރު (849،750،000ރ.) ހޯދުމަށް ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ނަމަވެސް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގެ އާބިޓްރޭޝަނުގައި ދިން ބަޔާންތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުވާން އަންގާފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ މައްސަލައިގެ އާބިޓްރޭޝަނުގައި މުއިއްޒު ދީފައިވާ ބަޔާންތައް ކޮމިޓީއަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ދިރާސާކުރުމަށް އަންނަ ބުދަ ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު މައުލޫމާތު ސާފުކުރުމަށް މުއިއްޒު ހާޒިރުކުރާން ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވުމުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި މާލީ ބުރަ އުފުލަން ޖެހޭ ކަމަށާއި ނޫމަޑި މައްސަލައިގައި ކުރީގެ ސަރުކާރުގެ ވަޒީރުން ދައުލަތާ ދެކޮޅަށް ހެކި ބަސް ދީފައިވާ ކަމަށެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.