ޝެއިޚް ހުސައިން ރަޝީދު

ގާސިމްގެ ޑިމޮކްރެސީއަކީ ކޮބައިތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ: ޝެއިޚް ހުސައިން ރަޝީދު

މުހައްމަދު އައުޒަމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ޑިމޮކްރެސީއަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށް ދީނީ އިލްމުވެރިޔާ އައްޝެއިޚް ހުސައިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ދެކެމުން މިދާ ޑިމޮކްރެސީގެ ހަގީގީ ބާނީ އަކީ ގާސިމް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވި ކަމަށް "ވަން އޮންލައިން" ގައި ލިޔެފައިވާ ޚަބަރަށް ފޭސްބުކުގައި ކުރެއްވި ކޮމެންޓެއްގައި ޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ ގާސިމްގެ ޑިމޮކްރެސީ އަކީ ކޮބައިތޯ އޭނާގެ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.

"ތިޔަ ވިދާޅުވި ބަހުގެ މާނަ ބައްލަވާ. ގާސިމްގެ ޑިމޮކްރެސީ އަކީ ކޮބައިތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ،" ޝެއިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކާނަލް ނާޒިމް ވިދާޅުވީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ފަދައިން ދިވެހިރާއްޖެ ދެކެމުންމިދާ ޑިމޮކްރަސީގެ ހަގީގީ ބާނީއަކީ ގާސިމް ކަމަށެވެ. އަދި ގަބޫލުކުރައްވަނީ ގާސިމްގެ ބެއްލެވުމުގެ ދަށުން ހިނގާ އެ ޖުމުހޫރީ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އެހެން ވިދާޅުވުމުން ޝެއިޚް ހުސައިން ރަޝީދުގެ އިތުރުން އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ މީސް މީޑިއާގައި ނާޒިމަށާއި ގާސިމަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.