މުހައްމަދު އައުޒަމް
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ދެ ދުވަހުން އެއްދުވަހު ސަރުކާރު ވެއްޓޭނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝެއިޚް ހުސައިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމަކަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ވިޔަފާރިވެރިން ރާއްޖޭގެ ރަށްތަކާއި ރައްޔިތުން ގަނެލާނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޅި މަޖިލީހުގައި އޮންނާނީ ވިޔަފާރިވެރިންގެ ނުފޫޒު ކަމަށް ޝެއިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.
"މީގަ ރާއްޖެއަށް ބަލަންޏާ އަޅުގަނޑު ހިތަށް ރަނގަޅީ ރިޔާސީ ނިޒާމް. ސަބަބަކީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް އަތުވެއްޖެއްޔާ ތިންލައްކަ ފަންސާސް ހާސް ވަރަކަށް މީހުން މިތިބީ. ބަރުލަމާނީ ނިޒާމުގައި ވިޔަފާރިވެރިން ހަދާނެގޮތަކީ އެކި ތަންތަނުން މަޖިލީހަށް މީހުން ކުރިމަތިލައްވާފަ. ރައްޔިތުން ގަނެލާނީ. ރައްޔިތުން ގަނެލާނެ، ރަށްރަށް ގަނެލާނެ. ދެން އޭގެ ނަތީޖާއަކަށް އަންނާނީ މަޖިލީހަށް އަންނާނީ ވިޔަފާރިވެރިންގެ ނުފޫޒު ބޮޑަށް. ނަތީޖާއަކަށް ވެންދާނީ ވިޔަފާރިވެރިން ކުޅޭ ކުޅިވަރަކަށް، އެއްދުވަހު އަންނާނެ ވައްޓާލަން. އެއްދުވަހު އެކަކު ވައްޓާލާނެ. އަނެއް ދުވަހު އަނެކަކު ވައްޓާލާނެ،" ހުސައިން ރަޝީދު ވިދާޅުވިއެވެ.
ޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކީ މަޖިލީހުގެ ތެރެއިން ހޮވޭނެ ބޭފުޅެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކީ ނަމެއްގައި ހުންނަވާ ބޭފުޅެއް ކަމަށެވެ.
"ބޮޑުވަޒީރު ގައުމު ހިންގާނީ. ރައީސަކަށް ހުންނަ މީހާ ހުންނާނީ ނަމަކަށް. އަދި ރައީސަކު ހުއްޓަސް ނެތަސް އެ ހުންނަ މީހަކު ހުންނާނީ ނަމަކަށް. އެހެންވީމަ އަޅުގަނޑުގެ ޚިޔާލަށް އަންނަނީ ބަރުލަމާނީ ނިޒާމެއް މާކަރަނގަޅެއް ނޫނޭ. އަތުވެއްޖެއްޔާ ދެދުވަހުން އެއްދުވަހު ވައްޓާލާނެއޭ ސަރުކާރު. ވައްޓާލާފަ ވިޔަފާރިވެރިން ކުޅޭ ކުޅިއަކަށް ބަދަލުވެގެންދާނެ،" ޝެއިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެށުނީއްސުރެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އާ ގާނޫނު އަސާސީ އެކުލަވާލިއިރު، ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްގެން ވަނީ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް 2007 ވަނަ އަހަރު ނަގާފައެވެ. އެ ވޯޓުގައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. އެއާއެކު ގާނޫނު އަސާސީ ލިޔުނީ ރިޔާސީ ނިޒާމާ އެއްގޮތަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނައުމަށް ނަޝީދު ކުރައްވާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.