ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް އައްޝައިހް ހުސައިން ރަޝީދު އަހުމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހުސައިން ރަޝީދު، އައްޔަނު ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ހުސައިން ރަޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ޝެއިހް ހުސައިން އައްޔަން ކުރެއްވުމާއި އެކު، އެ މިނިސްޓްރީގެ އެ މަގާމުގައި މިވަގުތު ތިން ބޭފުޅަކު ތިއްބަވާނެއެވެ. އެއީ ހުސައިން ރަޝީދުގެ އިތުރުން އަމީން ޖާވިދާއި އަހުމަދު ޝިއާނެވެ.