ޕްރޮސެކިއުޓަރ ޖެނެރަލް، ޕީޖީ އައިޝަތު ބިޝާމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ހޯދައިދީފައިވާ މައްސައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ހުށަހަޅައިފި އެވެ.
އޭސީސީ އިން ވަނީ މިފަދަ މައްސަލައެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާކަން ''ވަން އޮންލައިން'' އަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުން ކަމެއް ނުވަތަ ވަކި މުއައްސަސާއަކުން ކަމެއް އޭސީސީ އިން ހާމައެއް ނުކުރެއެވެ. އަދި މައްސަލައިގެ އިތުރު މައުލޫމާތު އަދި ދެވެން ނެތް ކަމަށް އޭސީސީ އިން ބުނެއެވެ.
މި މައްސަލަ އޭސީސީ އަށް ހުށަހެޅުމަށް އޭސީސީގެ ރައީސް އަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ސިޓީގައި ރާއްޖޭގެ ރަން ޔޫބިލް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓްވިއު ހަވާލު ކުރި މައްސަލައިގައި އޭރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެކް ކަމަށް ނިންމީ ޕީޖީ ބިޝާމްކަން ފާހަގަ ކުރިއެވެ.
ނަމަވެސް ބިޝާމަކީ ރާއްޖޭގެ ރަން ޔޫބިލް ފާހަގަ ކުރުމަށް ރައީސް ދެއްވި ޖާފަތް ތައްޔާރު ކުރުމަށް ނިއުޕޯޓާއި ހަވާލު ކުރުމަށް ނިންމި ކޮމިޓީގައި ޝަރީފް އާއެކު ބައިވެރިވި ފަރާތެއް ކަމަށް ސިޓީގައިވެއެވެ. އަދި އެހެންކަމުން މައްސަލައިގައި ބިޝާމްގެ މަސްލަހަތުއޮތް ކަމަށް ގަބޫލު ކުރާކަމަށް ސިޓީގައިވެއެވެ. އަދި މައްސަލައިގައި ބިޝާމްގެ މަސްލަހަތު އޮތް އިރު ޝަރީފަށް ދައުވާ ނުކުރުމަކީ އެކަމުގައި އޭނާގެ މަސްލަހަތު އޮތްކަން ފެންނަ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.