އިބްރާހިމް ޒަކީ
ކައުންސިލްތަކުގެ އުމުރު މިހާރު އޮތް ތިން އަހަރުން ފަސް އަހަރަށް ދިގުކޮށް، ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ ސީދާ ވޯޓުން ހޮވަން ޖެހޭ ގޮތަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 83 މެންބަރުންގެ ތެރެއިން 82 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި، މި ބިލުގައި ބުނެފައިވަނީ ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ގެންނަނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ކަމަށެވެ.
ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލަށް ވަކިން މެންބަރުން އިންތިހާބުކުރާ ގޮތަށް މިހާރު އޮތްގޮތް ބަދަލު ކުރުން ހިމެނެއެވެ.
ބިލުގައިވާ ގޮތުން، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލްގައި ބުނެފައިވަނީ، މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.