އެމްއެންޑީއެފް

އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: ޝިޔާމް

އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ފަށާ އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުގެ ތެރެއިން ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލަށް ޝިޔާމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ކަންކަން އެއީ ސިފައިންނާ މުޅިން ވަކިން އޮތް ކަމެއް ކަމަށެވެ.

"އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް. ސިޔާސީ ކަންކަން އޮތީ އަޅުގަނޑުމެންނާ މުޅިން ވަކިން. ހަމަގައިމު ވެސް ބޮޑު ގައުމަކުން ދައްކަންޖެހޭ ޒިންމާދާރުކަން އިންޑިއާއިން ދައްކާ. އެހީއަށް ބޭނުންވާ ވަގުތުތަކުގައި އަބަދުވެސް އިންޑިއާ ރާއްޖެއާއެކު އޮވޭ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ 1988ގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ހުއްޓުވުމަށްޓަކައި ހިންގި "އޮޕަރޭޝަން ކެކްޓަސް"ގައި އިންޑިއާއިން ދައްކުވައިދިނީ ވަރަށް ރަނގަޅު މިސާލެއް ކަމަށާއި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ގޮތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"1988ގެ ކެކްޓަސް އޮޕަރޭޝަންގައި އިންޑިއާއިން ވަނީ ދައްކުވައިދިނީ ވަރަށް ރަނގަޅު މިސާލެއް. އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން. ހާއްސަގޮތެއްގައި ދިވެހި ގިނަ ސިފައިން ތަމްރީންތައް ފުރިހަމަކޮށްފައިވަނީ ވެސް އިންޑިއާއިން،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާއަކީ ހަމައެކަނި އަސްކަރީ މަސައްކަތްތައް ކުރާ ބައެއް ނޫން ކަމަށާއި އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ބައިވެރި ކަންތައްތައް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.