ކުއްލި ޚަބަރު

ޓެކްސް ކޮމިޝަނަރު ކަމަށް ފަތުހުﷲ، ޑެޕިއުޓީ އަކަށް އަސްމާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުންގެ ނަން ފާސް ކުރީ، އެބޭފުޅުންނާ އެކު އެ ދެމަގާ މަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހައިގެންނެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަަައްޔަން ކުރަން ފާސްކުރި، ފަތުހުﷲ ޖަމީލު ތ. ތިމަރަފުށި ފިނިފެންމާގެ އާއި އެކު އިސްމާއީލް ނާޝިދު ހ. ސެނާ، ގެ ނަން ވެސް ރައީސް ކޮމިޓީއަށް ފޮނުއްވެވިއެވެ. ނަމަވެސް އެ ދެ ނަން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓުގައި، ލަފާ ދީފައި ވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ފަތުހުﷲ ޖަމީލުގެ ނަން ފާސްކޮށް ދިނުމަށެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީންވެސް ފަތުހުﷲ ޖަމީލަށް ވަނީ ތްރީލައިން ވިޕް ނެރެފައެވެ.

ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރުމަށް މަޖިލީހުން ފާސް ކުރީ ވެސް އެމްޑީޕީން ތްރީލައިން ވިޕް ނެރެގެންނެވެ.

މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓްގައި ލަފާދީފައި ވަނީ، އަސްމާ ޝަފީއު އާއި އިސްމާއީލް ސާޖިދުގެ ތެރެއިން ބޭފުޅަކު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށެވެ.

ފަތުހުﷲ ޖަމީލުގެ ނަން މަޖިލީހުން ފާސް ކުރީ، ޖަލްސާގައި ތިއްބެވި 83 މެންބަރުންގެ ތެރެއިން، 82 މެންބަރުން ވޯޓް ދެއްވައި ގެންނެވެ. އަސްމާގެ ނަން ފާސް ކުރީ ޖަލްސާ ގައި ތިއްބެވި 83 މެންބަރުންގެ ތެރެއިން، 81 މެންބަރުން ވޯޓް ދެއްވައި ގެންނެވެ.

އަސްމާ އާއި ސާޖިދުއާއެކު ޑިޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލެއްވި ހަ ބޭފުޅެއްގެ ނަން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.