އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ކަށަވަރު ކޮށްދެއްވައި، އެކަން އިއުލާން ކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ހުންނަވައިގެން ގައުމާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ބަޣުދާދީ މަރުވީ އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަދި އޭނާ މަރުވީ ބިންގަރާހެއްގެ އެންމެ އެތެރެއަށް ގޮސް އަމިއްލަ ޖާނު ގޮއްވާލައިގެން ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ސުސައިޑް ވެސްޓެއް ބޭނުންކޮށްގެން ބަޣުދާދީ މަރުވިއިރު އޭނާގެ ތިން ކުދިން ވެސް ކައިރީގައި ތިިބި ކަމަށާއި ޖާނު ގޮއްވާލުމުން އެ ތިން ކުދިން ވެސް މަރުވެފައިވާ ކަމަށެވެ.
"(އޭނާ މަރުވީ) އާދޭސް ކުރަމުން އަދި ރޮމުން ހަޅޭއްލަވަމުން ގޮސް، އޭނާއަކީ ބޯހަމަނުޖެހޭ އަދި ނުބައި މީހެއް. އަދި މިހާރު އޭނާއެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.
ބަޣުދާދީ މަރުވެފައިވާކަން ޓްރަމްޕް އިއުލާން ކުރައްވާފައި މިވަނީ، ބަޣުދާދީގެ ޚަބަރެއް ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެނަމަ އޭނާ މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް އަޑުތައް ފަތުރާފައި ވަނިކޮށެވެ.
ނަމަވެސް މިއަދު އެކަން އިއުލާން ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ "ބޮޑު ކަމެއް ހިނގައިފި ކަމަށް" ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. އަދި އޭނާ މަރުވެފައިވާކަން އެމެރިކާގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ވެސް އިއްޔެ ވަނީ ރިޕޯޓް ކޮށްފައެވެ.
އޮފިޝަލާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، މަޣުދާދީ މަރުވީ ޓްރަމްޕް ހުއްދަ ދެއްވައިގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ ހަމަލާގައި ބަޣުދާދީގެ ދެ އަންހެނުން ވެސް މަރުވެފައިވާ ކަމަށް އެހެން ނޫހެއްގައި ބުނެފައިވެއެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގައެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފައެވެ.