ކުއްލި ޚަބަރު

މީހުންނަށް މަރުގެ އިންޒާރު ދެމުންދާ ޒުވާނަކު ހައްޔަރުކޮށްފި

1

ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރު ދެމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދިނުމުގެ އިތުރުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާ މައްސަލައެއްގައި އުމުރުން 19 އަހަރުގެ އެ ޒުވާނާ ހައްޔަރުކުރީ ފުވައްމުލަކުން ކަމަށެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުން މިއަދު ހައްޔަރުކުރީ ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނެއް ކަމަށްވާ އަލީ ރަވާއުއެވެ. އަދި އޭނާ ހައްޔަރުކުރީ ފުވައްމުލަކުގެ ފުޓްބޯޅަ ދަނޑެއްގައި ފުޓްބޯޅަ ކުޅެން ހުއްޓައި، ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމަހުގެ ކުރީކޮޅު ވެސް ފުލުހުން ވަނީ، މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ މައްސަލައެއްގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް މިދިޔަ އަންގާރަ ދުވަހު ވަނީ ޖަހައިފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނަކުން ކަމެއް، އަދި އެކަމާގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރަސްމީ ފަރާތަކުން ވަނަވަރު އަދި ހާމަކޮށްފައިނުވާ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ޖަހައިފައެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، އެ އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މުހައްމަދު އަމީންއެވެ. އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟