ކުއްލި ޚަބަރު

ހިޔާނާތުގެ ފައިސާ މިހާރުގެ 16 މެމްބަރަކަށާއި ސަރުކާރުގެ އިސް ހަތް ބޭފުޅަކަށް ލިބުނު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ، މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހަތް ބޭފުޅަކަށާއި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 16 ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގެ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ވިދާޅުވީ، މިހާތަނަށް ތަހުގީގަށް އެއްކުރެވިފައި ހުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާ ކުރީގެ އާއި މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންނަށް ވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 16 މެމްބަރަކަށް އެކި ބޭނުންތަކަށް، އެކި ގޮތްގޮތަށް، އެކި ފަހަރު މަތިން މި ފައިސާގެ ތެރެއިން ފައިސާ ދީފަވާނެ ކަމަށް މިކަމުގައި އަމަލީ ގޮތުން އުޅުނު ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ފައިސާ އެފަރާތްތަކަށް ލިބުނުކަން ޔަގީންކޮށްދީފައިވާކަމުގެ މުއާމަލާތްތަކަށް ވެސް ފެންނަން އެބަހުރި ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކުރީ ސަރުކާރުގެ އެކިއެކި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން 23 ބޭފުޅަކަށާއި މިހާރު ސަރުކާރުގެ ހަތް ބޭފުޅެއްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އޭރު ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް އެކި ފަހަރު މަތިން ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުރި އާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް އަށް ފަނޑިޔާރަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާއިރު، ސަލާމަތީ ބާރުތަކުގެ މިހާރާއި ކުރީގެ ބައެއް އޮފިސަރުން ހިމެނޭ ގޮތަށް ހަތް އޮފިސަރަކަށް ހިޔާނާތުގެ ފައިސާގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އެކިއެކި ސްޕޮންސާޝިޕް ނުވަތަ އެހީގައި ދީފައިވާ ކަމަށް އޭސީޕީ ވިދާޅުވިއެވެ.

އޭސީޕީ ރިޔާޒު ވިދާޅުވީ، ހިޔާނާތުގެ ފައިސާއިން މުއާމަލާތްތައް ހިންގަން ފަށާފައިވަނީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާންކުރި ހިސާބުން ފެށިގެން ކަމަށެވެ.

އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށާއި ޕްރައިމަރީތައް ކާމިޔާބުކުރި ފަރާތްތަކުގެ ކެމްޕެއިނަށާއި އިންތިހާބުވި މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށްޓަކައި ވެސް ހިޔާނާތުގެ ފައިސާ ހަރަދުކުރި ކަމަށެވެ.

އަދި މަޖިލީހަށް އިންތިހާބުވި މެމްބަރުން އެއްޕާޓީ އަނެއް ޕާޓީއަށް ބަދަލުވުމުގެ އިތުރުން މަޖިލީހުގެ ދައުރުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން ނެގުނު ވޯޓުތަކާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މީހުން މަގާމުތަކަށް އައްޔަން ކުރުންފަދަ ނެގުނު ބޮޑެތި ވޯޓުތަކަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާނެ ކަމަށް ހެކިތަކުން ފެންނަން އެބަހުރި ކަމަށް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމަށާއި ކިޔަވަން ދިއުމަށާއި ބަލިވެގެން އެކި ފަރާތްތަކަށް އެހީގެ ގޮތުގައާއި އޭރު ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ވިޔަފާރިތަކުގެ ޑިއުޓީ ދައްކަން ވެސް ފައިސާ ދީފައިވާ ކަމަށެވެ.

އަދި ފުލުހުންނާއި ސިފައިންގެ ތެރޭގެ ބައެއް ކަންތައްތަކަށް ސްޕޮންސާޝިޕްގެ ނަމުގައި މި ފައިސާއިން ހަރަދުކޮށްފައިވާއިރު ރަސްމީ ބައެއް އިވެންޓުތަކާއި މުނިފޫހިފިލުވުމުގެ ބައެއް ކަންކަމާއި މާކެޓިންއާ ގުޅުންހުރި ކަންކަމަށް އެސްއޯއެފް މެދުވެރިކޮށް ފައިސާ ދައްކާފައިހުރި ކަމަށް ވެސް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

އޭސީޕީ ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި އޮތޯރިޓީ ބޭނުންކުރުމަށްޓަކާ ސީދާ އެ ފަރާތްތަކަށް ފައިސާ ދީފައިހުރި ކަމަށް މި ފައިސާ ބެހުމުގައި އުޅުނު ފަރާތްތަކާއި ފައިސާ ހަވާލުކުރި ފަރާތްތަކުން ބުނި ނަމަވެސް، ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކަކީ އެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކޭ ބުނަން އަދި އަވަސް ކަމަށެވެ.

"ޖުމްލަކޮށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރުގައި ތަހުގީގަށް ހޯދުނު ކުރިއެރުންތަކުން ފައިސާ އޭގެ ޒާތުގައި ލިބިފައިހުރި ކަމަށް ދެންނެވި އަދަދުތައް ފާހަގަކުރި ނަމަވެސް އެއީ މި މައްސަލައިގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކޭ ބުނަން އަދި އަވަސް. އަދި އެފަރާތްތަކަށް ފައިސާ ލިބިފައިހުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިތިބެ ހަވާލުވި ހަވާލުވުމެއްތޯ ފައިސާތޯ ބަލަން އިތުރު ތަހުގީގުތަކެއް ކުރާނަން، ލިބެންހުރި މައުލޫމާތުގެ އަލީގައި،" އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.