އެންޓި ކޮރަޕްޝަން ކޮމިޝަން

ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުމަކީ މާލިއްޔަތު ގާނޫނުގެ ރޫހާ ހިލާފު ކޮރަޕްޝަނުގެ ފުރުސަތު އޮތް ކަމެއް: އޭސީސީ

ބިޑަކާ ނުލައި މަޝްރުއުތައް ހަވާލުކުރުމަކީ، މާލިއްޔަތު ގާނޫނުގެ ރޫހާއި ހިލާފު، ކޮރަޕްޝަނުގެ ހިރާސް އޮތް ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ، ސަރުކާރުން ބޮޑު ދެ ޕްރޮޖެކްޓެއް ބިޑަކާ ނުލައި، ބޭރުގެ ދެ ކުންފުންޏަކަށް މި ހަފުތާގައި ދިނުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއާއި ފެއްޓުމުގެ މަޝްރޫއެވެ.

އޭގެ ތެރެއިން، ގުޅީފަަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ އެވެ. އެއީ 53 މިލިއަން ޔޫއެސް ޑޮލަރަށެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ހިންގާ 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންއާ އެވެ. އެއީ 37.5 މިލިއަން ޑޮލަރަށެވެ.

އޭސީސީން މިއަދު ކުރި ޓުވީޓުގައި ބުނީ، ބިޑުކުރުމާ ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމަކީ އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުން ވުމުގެ އިހްތިމާލު އޮތް ކަމެއް ކަމަށެވެ. އަދި މި ކަމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ރޫހާ ހިލާފަށް ކުރާ، ކޮރަޕްޝަނުގެ ހިރާސް އޮތް ކަމަކަށް ވާތީ، އެ ކޮމިޝަނުން މި ކަމާ ނުހަނު ކަންބޮޑުވާ ކަމަށެވެ.

"ދައުލަތުގެ ޕްރޮކިޔުމެންޓް ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި ދެފުށް ފެންނަ ހާމަކަން ބޮޑު އަދި ވާދަވެރި ވީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިޔުމެންޓް އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ." އޭސީސީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.