ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލުކުރުމަށް އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އައްސަދު އަބްދުލްޤަނީ ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަކަށް އައްސަދު ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފްޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރުގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަސައްކަތުގައި އައްސަދު ދެ އަހަރު ދުވަހަށް މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އައްސަދު އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފުޓުބޯޅައިގެ "ރަން ކެޕްޓަން"ގެ ގޮތުގައެވެ. ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ އައްސަދުގެ ކެޕްޓަންކަމުގެ ދަށުގައެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބަށްފަހު ދެވަނަ ފަހަރަށް ރާއްޖެއަށް އެ މުބާރާތް ކާމިޔާބުކުރެވުނީ މިދިޔަ އަހަރެވެ.