ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، އޭނާ ހައްޔަރުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ހ. ވޯލްނަޓް އިންނެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާގެ ހާޒިރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް އުޅުނު މީހަކު މިރޭ ހައްޔަރުކުރި އިރު، މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލަމުންދިޔަ ޒުވާނަކު މިމަހުގެ 12 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.
އަދި އޭނާގެ ބަންދުގެ މުއްދަތު ވަރަށް ފަހުން ވަނީ އިތުރުވެސް ކޮށްފައެވެ.
ބެލެވޭ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ، ޓެރަރިޒަމްގެ އަމަލު ހިންގާ ފަރާތްތައް ހިފާ ހައްޔަރުކޮށް، މައްސަލަތައް ބަލަން ފަސޭހަ މަގެއް ފަހިކޮށްދިނުމަށް ޓެރަރިޒަމްގެ ގާނޫނަށް މިފަހުން ގެނައި ބޮޑެތި ބަދަލުތަކާއެކުއެވެ.