އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ، އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ޖުޑިޝަރީގައި މިވަގުތު އުޅުއްވާ ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާތީއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ހިޔާނާތުގެ ތުހުމަތުވާ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރުމަށް ނިންމައި، އެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންނާއި އެކަމާ ގުޅޭ ހެކިތައް ޖޭއެސްސީއާ ހިއްސާ ކޮށްދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގައި ދެންނެވުމަށް ވެސް ނިންމިއެވެ.
ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ނިންމިއިރު، ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ފަނޑިޔާރުން ތިއްބެވިނަމަ ލަސްނުކޮށް އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފައެވެ.
އެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އެ ބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ މިންވަރަށް ކަމަށެވެ.
އަދި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް އެއްވެސް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރުމަށްފަހު ދައުލަތުގެ ފައިސާ ލިބުނު، މީހުންގެ ގޮތުގައި 155 މީހުންގެ ލިސްޓެއް އާއްމުކުރިއެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އެބަތިއްބެވި ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފައެވެ.