ކުއްލި ޚަބަރު

އިސް މެޖިސްޓްރޭޓް ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި

1

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ރާގިބު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާއިރު، އޭނާގެ މައްސަލަ ބެލުމަށް ހަވާލުކުރި ކުޑަ ކޮމިޓީގެ ރިޕޯޓް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖޭއެސްސީއަށް ވަނީ ހުށަހަޅައިފައެވެ. އެ ރިޕޯޓްގައި ބުނާ ގޮތުން ރާގިބުގެ މައްޗަށް ހުށަހެޅި ޝަކުވާ ޖޭއެސްސީއަށް ސާބިތުވެއެވެ.

އެހެންކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް އެ ރިޕޯޓްގައި ލަފާ ދީފައިވެއެވެ. އަދި ރިޕޯޓަށް ޖަވާބުދާރީވުމަށް ޖޭއެސްސީ އިން ރާޖިބަށް 30 ދުވަހުގެ މުއްދަތެއް ދިނެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، ރާގިބާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށަހެޅި ކަމަށެވެ.

އެގޮތުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ރާގިބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް ރާޖިބު މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމި ސަބަބެއް ޖޭއެސްސީއަކުން އަދި ހާމައެއް ނުކުރެއެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފިނަމަ އޭނާގެ މަގާމު ގެއްލުނީއެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ ދެ ފަނޑިޔާރެކެވެ.

އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟