އާސަންދަ

އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް އާސަންދަ ކުންފުނީގެ ޓީމެއް އިންޑިއާއަށް ފުރައިފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް އާސަންދަ ކުންފުނީގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ، އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދާއި، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާވެސް ހިމެނިވަޑައިގަންނަވާ މި ޓީމް އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއެވުން އޮންނާނީ މިއަދު ހަވީރު އިންޑިއާ ގަޑިން 05:00 ގައި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގައި ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި 'މެރަނާ' ސްކީމްގެ މައުލޫމާތުދިނުމުގެ އިތުރުން، ސްކީމްގެ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އަދި މި ދަތުރުގައި އާސަންދަ ޓީމުން، އިންޑިއާގައި އާސަންދަ އަދި މެރަނާ ސްކީމްގެ ހިދުމަތްދޭ ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިދެވޭނެ ގޮތަތަކެއް ހޯދުމަށް މަޝްވަރާކުރާނެ ކަމަށްވެސް އާސަންދަ ކުންފުނިން މައުލޫމާތު ދެއެވެ.

އާސަންދަ ކުންފުނީގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާވެސް އެކު ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ އެހީގައި ލުއި ފަސޭހަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.