އިސްލާމިކް މިނިސްޓްރީ

ބޭސްފަރުވާގެ އެހީގޮތުގައި ޒަކާތުފަންޑުން 10 މިލިއަން ރުފިޔާ ހަރަދުކޮށްފި

މަރިޔަމް ޝަހުދާ

ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާގެ އެހީގޮތުގައި ޒަކާތުފަންޑުން 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް އެހީއަށް އެދި ހުށަހަޅަފައިވަނީ 944 މީހުންނެވެ. އަދި މީގެ ތެރެއިން 865 މީހުންނަށް އެހީ ހަމަޖައްސާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިހާތަނަށް ބޭސްފަރުވާއަށް ޒަކާތު ފަންޑުން ޖުމުލަ 10،654،752.73 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ހޯދުމަށް އެންމެ ގިނަބަޔަކު އެދިފައިވަނީ ކެންސަރު ބަލީގެ ފަރުވާ އަށެވެ. އެގޮތުން 102 މީހަކު ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި އެހީތެރިކަމަށް އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ދެން އެންމެ ގިނަ ބަޔަކު އެހީ ހޯދާފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 73 ފަރާތަކަށް ޒަކާތު ފަންޑުން އެހީވެފައިވާނެ ކަމަށާއި ލޮލުގެ ބަލިތަކުގައި 62 މީހަކަށް ފަރުވާ ހޯދުމަށް ޒަކާތު ފަންޑުން އެހީވެފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހިތުގެ ބަލިތައް، ހަމުގެ ބަލިތައް، ހާނިޔާ، ނާރުގެ ބަލިތައް، ނުކުޅެދޭ ބަލި، ނަފްސާނީ ބަލި، ކަށީގެ މައްސަލަ، ކުޑަކަމުދިއުމުގެ ނިޒާމުގެ މައްސަލަ، އާތްރައިޓްސް ބަލި، އައްސިވުން، އެޕިލެޕްސީ، ވާގި ނެތޭ ބަލި، މައިބަދައިގެ މައްސަލަތައް، ފުއްޕާމޭގެ މައްސަލަތައް، ފިޓްޖެހުން، ގޮހޮތުގެ ބަލި، ބްލެޑަގައި ހިލަ އުފެދުމުގެ މައްސަލަ، ސިކުނޑީގެ ޓެސްޓު ހެދުމަށް، ސްޓްރޯކް، ސައިނަސް އަދި ޓްރާންސްޕްލާން ކުރުމުގެ އިތުރުން ޓިއުމަރަށް ފަރުވާ ހޯދުމަށް އެހީ އަށް އެދުނު މީހުންނަށް ޒަކާތު ފަންޑުން އެހީވެފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ދިނުމުގެ އުސޫލު އެކުލަވާލައި އާންމުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މި އުސޫލުގެ ދަށުން ބޭސްފަރުވާއަށް ބޭނުންވާ، އަދި އާސަންދައިން ލިބޭ އެހީ އިން ނުފުދޭ ބަލިމީހުންގެ އިތުރުން އާސަންދަ ނުލިބޭ ބަލި މީހުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެއެވެ.