ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ކަކާގޭގައި ރޯވީ ސައިކަލްގައި ބަޔަކު ހުޅުޖެހުމުން: ޕޮލިސް

އާނިފާ ހުސެއިން ސިރާޖް

ހދ.ކުޅުދުއްފުށި "ކަކާ" ނަމަކަށް ކިޔާ ގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ އެގޭ ތެރޭގައިހުރި ސައިކަލެއްގައި ބަޔަކު ރޯކޮށްލުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 4:10 ހާއިރު އަލިފާނުގެ ހާދިސައެއް ހިނގައިގެން އުޅޭކަމަށް މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނީގެ ސިލިންގާއި ޕިކަޕެއްގައި ރޯވެފައިވާ ކަމަށެވެ.

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ކުރަމުން ގެންދިޔައިރު ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، "ކަކާ" ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އަދި އެ ގެއާ ޖެހިގެން ހުރި "ނަހާ" ނަމަކަށް ކިޔާ ގެއަށްވެސް ކޮންމެސް ވަރަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އަމަލަކީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ހިންގި އަމަލެއް ކަމަށް ބެލުނު ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.