ސިޔާސީ

ޖުމުހޫރީ ޕާޓީއާ ގުޅޭ މީހުންނަށް މަރުހަބާ ކިޔަން ޖެހޭ: ނަހުލާ

ޖުމުހޫރީ ޕާޓީއަށް ގުޅިވަޑައިގަންނަވާ އެކި އެކި ފަރާތްތަކަށް ޕާޓީގެ ފަރާތުން މަރުހަބާ ކިޔާން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ކުރާން ޖެހޭ ކަމެއް ކަމަށާއި އެކަމުގައި މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރީން ތިއްބެވި ބައެއް ބޭފުޅުން ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެ ގޮތުން ޖޭޕީއަށް ކުނި ޖަމާވަމުންދާ ކަމަށް ބުނެ އެއް ބަޔަކު ފާޑުކިޔަމުންދާ އިރު އަނެއް ބަޔަކު ބުނާ ގޮތުގައި، ޖޭޕީ ކޯލިޝަނުގެ ތެރޭގައި އޮވެ އިދިކޮޅުގައި ތިއްބެވި ފަރާތްތައް އެޕާޓީއަށް ޖަމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި މޭރުމުން އެންމެ ބޮޑަށް އަޑު އުފުލަމުން އަންނަނީ އެމްޑީޕީގެ ބައެއް މެންބަރުންނެވެ. މި މައްސަލައާ ގުޅިގެން ޖޭޕީ، ކޯލިޝަނުން ވަކިކުރުމަށް ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ގޮވާލާފަ އެވެ.

މި ކަމާ ގުޅޭ ގޮތުން، މިނިސްޓަރު ނަހުލާ ވިދާޅުވީ، މީހަކަށް ނުވަތަ ބަޔަކަށް ރަނގަޅު ނޫން ގޮތަކަށް އުޅެވިފައި ނުތަ ރަނގަޅު ނޫން ކަމެއް ކުރެވިފައި އޮތުމަކީ އެކަން އަބަދު ހިތުލައިގެން އުޅެން ޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އަބަދަށް މައާފު ނުލިބެންވީ ސަބަބެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޖޭޕީއަށް މެންބަރުން ވަނުމަކީ އެހެން ބަޔަކު ކަންބޮޑުވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެޕާޓީން މިއަދު ވެސް ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިމާޔަތް ކުރުން ކަމަށެވެ.