އިބްރާހިމް ޒަކީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ ލައްވައި ވަކި ގޮތަކަށް ކަމެއް ކުރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެންބަރުންނާ އެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރަކު އެ ބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އެކަމަނާއަށް ގުޅުއްވި ކަމަށެވެ.
ސަމީރުގެ ނަން ވިދާޅުވެ ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ، މައްސަލައަކާ ގުޅިގެން މައުލޫމާތު ހޯއްދަވަން ގުޅުއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ސަމީރު ދެއްކެވި ވާހަކައިން ވަކި ކަމެއް ކުރުވުމަށް ބޭނުންވެގެން އުޅުއްވިކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
ޝިއުނާ އެފަދައިން ވާހަކަ ދެއްކެވުމުން، ސަމީރު ގުޅުއްވީ ކޮމިޝަނުން ބަލަމުން އަންނަ ކޮން މައްސަލައެއްގައިތޯ، ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ސުވާލު ކުރެއްވިއެވެ.
ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުން އަންނަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލަ ކަމަށެވެ.
އޭނާ ވިދާޅުވީ ސަމީރު ގުޅުއްވީ އެ މައްސަލައިގައި މިނިސްޓަރު އޭސީސީއަށް ހާޒިރު ކުރަން އުޅުމުން ހިތްހަމަޖެހިވަޑައިނުގަންނަވައިގެން ކަމަށާއި، އެއީ ގުޅުއްވަން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ.
އޭސީސީގެ ރަައީސާ މިހެން ވިދާޅުވުމާ ގުޅިގެން ސަމީރު ވަނީ އެކަން ދޮގުކުރައްވައި ޓުވީޓެއް ކުރައްވައިފަ އެވެ. ސަމީރުގެ ޓުވީޓުގައި ވިދާޅުވީ ޝިއުނާ މަޖިލީހުގެ ކޮމެޓީގައި އެ ދެއްވީ ނުބައި މައުލޫމާތެއް ކަމަށެވެ.