މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން އަންނަ ހޮނިހިރު ދުވަހު ގދ. ތިނަދޫގައި ހިލޭ ސާބަހަށް މަދަނީ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ތިނަދޫގައި ޔޫތު މިނިސްޓްރީން ''މޮބައިލް ލީގަލް އެއިޑް ކްލިނިލް''ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަނީ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރު، ޕީއައިއެލްސީ އާއި ގުޅިގެންނެވެ. ޕީއައިއެލްސީއަކީ މީގެ ކުރިންވެސް މިފަދަ ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމްތައް ހިންގާފައިވާ ފަރާތެކެވެ.
އެގޮތުން މި ހަރަކާތުގައި އެކި މައްސަލަތަކުގައި ގާނޫނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އިޖުތިމާއީ އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން ކޮންޓްރެކްޓާ ބެހޭ މައްސަލަތަކާ، ބިމާ މުދަލުގެ މައްސަލަތަކުގެ އިތުރުން، ވަޒީފާގެ މައްސަލަަތަކާއި ބޭންކް ލޯނުގެ މައްސަލަތަކާއި ގުޅިގެން ގާނޫނީ ލަފާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ މަދަނީ ބައިގެ އިތުރުން އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާއި ގުޅޭ މައްސަލަތަކުގައިވެސް އެހީވެދީ ގާނޫނީ ލަފާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މޮބައިލް ލީގަލް އެއިޑް ކްލިނިކް ގައި އިޖުތިމާއީ އެހީ ހޯދުމަށް ފޯމް ފުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތްތައް ހޯދުމަށް ހުށަހަޅާ ފޯމު ފުރުމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި ހެނދުނު ނުވައަކުން މެންދުރު ދެޔަކަށެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ އެމިނިސްޓްރީން ކޮމިއުނިޓީ އެމްޕަވަމަންޓަށް ކުރަމުން އަންނަ މަސައްކަތްކަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.