މާލިއްޔަތު ކޮމެޓީ

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ތުހުމަތު ކުރެވޭ ބައެއް މެންބަރުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބަތިއްބެވި: ޕީޖީ

އިބްރާހިމް ޒަކީ

ރައީސް ޔާމީންގެ ސަރުކާރުގައި، އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތު ކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެބަތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓު ރިޕޯޓާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ އިސް ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުގައި ޕީޖީ ބިޝާމް ވިދާޅުވީ، އެ މެންބަރުންނަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ޕީޖީ ވިދާޅެއް ނުވެއެވެ.

އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ޕީޖީ އެދިވަޑައިގަތެވެ. ޕީޖީގެ އެދި ވަޑައިގަތުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެެއްވުމަށް ނިންމެވިއެވެ.

ނަމަވެސް ކޮމިޓީ ސިއްރު ކުރީ އެކަމަށް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވި ގޮތަށެވެ.

އޭނާ ހުށަހެޅުއްވީ ކޮމިޓީ ސިއްރުކުރުމުގެ އިތުރުން، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތަހުގީގު ކުރަމުން އަންނަ، އެ ކޮމިޓީގެ މެމްބަރުންނަކީ ކޮން ބައެއްކަން އެނގުމުން، އެ މެންބަރުންނާ ނުލައި ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

1. މުހައްމަދު ނާޝީޒު، ކިނބިދޫ ދާއިރާ (މުގައްރިރު)

2. އަބްދުﷲ ރިޔާޒު، ތިމަރަފުށީ ދާއިރާ (ނައިބު މުގައްރިރު)

3. އަބްދުލް ގަފޫރު މޫސާ، ހަނިމާދޫ ދާއިރާ (މެންބަރު)

4. ޔާސިރު އަބްދުއްލަތީފު، ކުޅުދުއްފުށީ އުތުރު ދާއިރާ، (މެންބަރު)

5. ހުސެއިން ވަހީދު، ކޮމަންޑޫ ދާއިރާ، (މެންބަރު)

6. އަހުމަދު ސަލީމް، އޭދަފުށީ ދާއިރާ، (މެންބަރު)

7. އިބްރާހީމް ފަޒުލް ރަޝީދު، ފެލިދޫ ދާއިރާ (މެންބަރު)

8. އަހުމަދު އާމިރު، ކުޑަހުވަދޫ ދާއިރާ، (މެންބަރު)

9. ހަސަން އަފީފު، ވިލުފުށީ ދާއިރާ (މެންބަރު)

10. ޔައުގޫބު އަބްދުﷲ، ދާންދޫ ދާއިރާ (މެންބަރު)

11. ހުސެއިން މުހައްމަދު ލަތީފު، ފަރެސް މާތޮޑާ ދާއިރާ، (މެންބަރު)

12. އިލްޔާސް ލަބީބު، ހުޅުދޫ ދާއިރާ، (މެންބަރު)

13. އިބްރާހީމް ޝަރީފު، މަރަދޫ ދާއިރާ، (މެންބަރު)

14. މުހައްމަދު އަސްލަމް، ހިތަދޫ އުތުރު ދާއިރާ، (މެންބަރު)