ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ގާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފިއެވެ.
މިމަހު ކުރީކޮޅު އެމްއެންޑީއެފުން ހުޅުވާލި މި މުބާރާތް ފަސްކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔަކަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ މި މުބާރާތް ފަސް ކުރުމުން ގިނަަބަޔަކަށް ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް އިތުރު އުފެއްދުންތެރި ހިޔާލު ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މުބާރާތް ފަސް ކުރީ ކަމަށް އެކަށޭނެ ވަގުތު ދިނުމުގެ ގޮތުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މުބާރާތް އަލުން ބާއްވާނެ ތާރީހެއް އެމްއެންޑީއެފުން އާންމެއް ނުކުރެއެވެ. އެމްއެންޑީއެފުން ބުނީ ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ތާރީހެއްގެ އިތުރުން، އެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
އެމްއެންޑީއެފުން މި މުބާރާތުގައި ބައިވެރިވުމަށް ފަރުމާ ހުށަހެޅުމަށް ހުޅުވާލީ މިމަހު 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭރު އެމްއެންޑީއެފުން ކުރި އިއުލާނުގައި މި ބިނާ އަކީ ޖުމުހޫރީ މައިދާނުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ބިނާއެއް ކަމަށް ބުނެފައިވެއެވެ. އަދި މި ބިނާ އަކީ ރާއްޖޭގައި ޝަހީދުވެފައިވާ އެންމެންގެ ހަނދާނުގައި ބެހެއްޓިގެންދާނެ ބިނާއެއް ކަމަށް ވެސް އެމްއެންީޑއެފުން ބުނެއެވެ.