އދ. ފުށިދިއްގާގެ ބެލެނިވެރިކަމާމެދު ހިލާފު އުފެދި، އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެރަށުގައި ގަވާއިދާ ހިލާފަށް ޓޫރިސްޓް ހަރަކާތް ހިންގައި، ބަޔަކު މާލީ މަންފާ ހޯދަމުންދާތީ އެރަށް ފުލުހުންގެ ބެލުމުގެ ދަށަށް ނަގަން އަންގާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އދ. ފުށިދިއްގާ ކިޔާ ރަށަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ޚިޔާނާތުގައި، ތިން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
ނަމަވެސް އަމިއްލަ ފަރާތަކުން ދަނީ އެތަނުގައި ޓޫރިސްޓުންނަށް ހިދުމަތްތަކަކާއެކު އެ ރަށް ގަވައިދާ ހިލާފަށް ހިންގަމުންނެވެ. އެ މައްސަލައާ ގުޅިގެން މިއަދު މެންދުރުފަހު ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ބޭފުޅުން ހިމެނޭ ޓީމަކާއި ފުލުހުން ވަނީ އެރަށަށް ގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެއްވެސް ހުއްދައަކާ ނުލާ، ޓޫރިސްޓުން އަތުން ފައިސާ ހޯދަމުންދާތީ އެރަށާމެދު ވަކި ގޮތެއް ނިންމަންދެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ރަށް ގެންގޮސްދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެ ރަށުގައި ތިބި މީހުންނާއި ތަކެތި މާދަމާގެ 6:00 ގެ ކުރިން އެރަށުން ބޭލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށާއި އެއަށްފަހު އެރަށަށް ބަޔަކަށް އެރޭނީ ފުލުހުންގެ ހުއްދައަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެރަށަށް ފުލުހުން ދިޔައިރު އެއްވެސް ފަތުރުވެރިއަކު ނެތެވެ. އެރަށުގައި ތިބީ ރަށް ބަލަހައްޓަން ހަވާލުވެގެން ތިބި ދެ ބިދޭސީންނެވެ. ދެ މީހުންނަކީ ވެސް ވޯކްޕާމިޓް ނެތް މީހުން ކަމަށާއި އޭގެ ތެރެއިން އެކަކީ ފިލައިގެން އުޅޭ މީހެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް މިނިސްޓަރު ނުދެއްވައެވެ. ވިދާޅުވީ، ތަހުގީގަށްފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާނަމަ، އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ފުށިދިއްގާ ބެލެނިވެރިކަމުގެ މައްސަލައިގައި ތިން ފަރާތަކުން އުޅެއެވެ. އެއީ ފުލުހުން އެ ރަށް އަތުލައިގަތް އިރު އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގަމުން އައިކަމުގެ ތުހުމަތު ކުރެވޭ މ.ހަސްތީ އަހްމަދު ހަލީލްގެ އިތުރުން ދައުލަތަށް އެ ރަށް ހޯދުމަށް ފައިސާ ދައްކާފައިވާ ދެ ކުންފުނި ކަމަށްވާ އެޗްއެމްއެޗް އަދި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ.
މި މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް އައީ ބެލެނިވެރިކަމަށް ދައުވާ ކުރާ ހަލީލް، އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގާ ކަމަށްބުނެ އެކި ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.