އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ދިއުފާކޮށް ވާހަކަދައްކަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޖަމިއްޔަތުއްސަލަފުން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅައިފިއެވެ.
ސަލަފުގެ ރައީސް ސޮއިކުރައްވާ މީގެ ހަފްތާއެއް ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ސަލަފުން ފޮނުވި ސިޓީގައި ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދޭން އެދިފައިވަނީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ތަފާތު އެކި މަގާމްތަކުގައި އިސްލާމްދީނަށާ ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއީ އާދައިގެ ކަމެއް ކަމުގައި ދައްކައި ވާހަކަދައްކަމުންދާތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ގ. ކެނެރީގޭ މުހައްމަދު ނަޝީދު، ތަފާތު އެކި މަގާމުތަކުގައި އަނބުރާހޭރިޔާކޮށްގެން، ހީލަތްތެރި، މަކަރުވެރި އަންދާޒެއްގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއީ އާދައިގެ ކަމެއް ކަމުގައި ދައްކައި، މި ދިވެހި އިސްލާމީ މުޖުތަމައުގެ މުޅި ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިގެންދާ ފަދައިން ވާހަކަދައްކަމުންޑާތީ އެކަން ހުއްޓުވައިދެއްވައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބުދެއްވުމަށް އެދި ހުށަހަޅަމެވެ،" ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.
އަދި ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަަކަށް ވަކި ގޮތެއް ހެދުމަކީ އަނިޔާވެރިކަން ކަމަށް ބުނެފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓް ދިފާއުކުރައްވާތީ ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދޭން ސަލަފުން އެދިފައިވާއިރު، ތަފާތު އެކި ރަސްމިއްޔާތުތަކުގައި އެމްޑީއެންގެ ރިޕޯޓާއި ހައްދުފަހަނައަޅާ ދިއުމާ ގުޅޭގޮތުން ނަޝީދު ގެންދަވަނީ ތަފާތު ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.
އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި ނަޝީދުވަނީ އެމްޑީއެން އާއި އެ ޖަމިއްޔާގެ ރިޕޯޓް ދިފާއު ކުރައްވައިފައެވެ. އެ ހަފްލާގައި ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓް ވިދާޅުވި ކަމަށާއި ނަމަވެސް އެ ރިޕޯޓުގެ މަގްސަދަކީ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުން ނޫން ކަމަށެވެ.
އެއީ އިނގިރޭސި ބަހުން އެއްޗެއް ލިޔަންވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް ކަމަށާއި އެއީ ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔެވުމުންވާ ގޮތެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަދި މިދިޔަ އާދީއްތަ ދުވަހު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ، ހިޔާލު ތަފާތުވުންތަކާއެކު އުޅެވެން ޖެހޭނެ ކަމަށާއި ނޫންނަމަ ހަނގުރާމައިގެ އައްސޭރިއަކަށް ރާއްޖެ ގޮސްފާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މިއަދު ރާއްޖޭގައި ދިމާވެފައިވާ އޮތް އެންމެ މުހިންމު ކަމަކީ ދީނީ ގޮތުން ރަނގަޅާއި ގޯހަކީ ކޮބައިކަން ނޭނގި ހިޔާލު ތަފާތުވުން އިންތިހާއަށް ގޮސްފައިވުންކަން ފާހަގަކުރައްވާ ވިދާޅުވީ، ހިޔާލަކީ ތަފާތުވާނެ އެއްޗެއް ކަމަށާއި އެ ހިޔާލު ތަފާތުވުންތަކާއެކު ވެސް އެންމެންނަށް އުޅެވެންޖެހޭނެ ކަމަށެވެ.