އެމްއެމްޕީއާރްސީ

އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯ އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްތަރާތްތަކުން އޭޝިއާގެ އެންމެ ބޮޑު ޓްރޭޑް ޝޯ އައިޓީބީ އޭޝިއާގެ 12 ވަނަ އެޑިޝަނުގައި ބައިވެރިވެއްޖެއެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގެ، ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި އިއްޔެއިން ފެށިގެން އައިޓީބީ އޭޝިއާ މާދަމާގެ ނިލަލަށް ކުރިއަށްދާނެއެވެ.

ރާއްޖޭގެ 17 ކުންފުންޏަކުން 32 ބޭފުޅަކު މި ޝޯގައި ބައިވެރިވާއިރު ރާއްޖޭގެ ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. ރާއްޖެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ގެސްޓު ހައުސްތަކާއި، ރިސޯޓްތަކާއި ލިވާބޯޑް އަދި ޓްރެވަލް އޭޖެންސީތަކުން ބޭފުޅުން ހިމެނެއެވެ.

އައިޓީބީ އޭޝިއާ ގައި ސައުތް އޭޝިއަން ރީޖަންގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސްފަރާތްތަކާއި ސިންގަޕޫރު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ބައިވެރިވިއެވެ.

މި ޓްރޭޑް ޝޯއާ ބެހޭގޮތުން އެމްއެމްޕީއާރްސީ އިން ނެރުނު ބަޔާނުގައި ވާ ގޮތުގައި މިއީ އާސިއާން ސަރަހައްދުގެ ޓޫރިޒަމް ޓްރޭޑަށް އަމާޒުކޮށްގެން ހިންގޭ އެންމެ މުހިންމު އެއް އެއާއެވެ. އަދި ސިންގަޕޫރާއި އާސިއާން ސަރަހައްދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރެވިގެންދާނެ ގޮތްތަކާއި ބެހޭގޮތުން ބައިވެރިންނާއި ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީއިން ބުނިއެވެ.

ޝޯގައި ރާއްޖެ ތަމްސީލު ކުރުމަށް ގުދުރަތީ އެތަކެއް ރީތި މަންޒަރުތަކާއި ސަގާފަތް ދައްކުވައިދޭ ސްޓޭންޑެއް ވަނީ ފަރުމާކޮށްފައެވެ. އެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް "ވާޗުއަލް ރިއާލިޓީ" މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ރާއްޖޭގެ ކާތަކެތީގެ ރަހަތައް ދައްކާލުމުގެ ގޮތުން އައްޑޫ ބޮނޑި ކުޅިކާޖާ އަދި ތެލުލި ބަނބުކޭލުގެ ރަހަތަށްވެސް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުން ހިމެނޭނެކަމަށްވެއެވެ.