ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ މައްސަލައި ސަސްޕެންޑުކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަސްޕެންޑު ކުރުމާ ގުޅިގެން ޝަޒައިލް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޒީރޯ ޓޮލަރެންސްގެ ދަށުން އޭނާއާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތު ތަހުގީގުކޮށް، ބަލައި ނިމެންދެން އޭނާ ސަސްޕެންޑު ކުރުމަށް ނިންމެވި ނިންމެވުމަށް އިހުތިރާމްކުރާކަމަށެވެ. އަދި އެ ނިންމުން ބަލައި ގަންނަ ކަމަށް ޝަޒައިލް ވިދާޅުވިއެވެ.
ނަމަވެސް އޭނާ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ޝަޒަލް ވިދާޅުވިއެވެ. އަދި ކުންފުނި ހިންގާފައިވާ ގޮތް ކުންފުނީގެ ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށް ޝަޒަލް ވިދާޅުވިއެވެ.
''އަޅުގަނޑު ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ. ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އެންމެނަށް އަރުވަން.''
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް ވިދާޅުވީ ޝަޒައިލް ސަސްޕެންޑް ކުރީ އިއްޔެ ކަމަށެވެ. އަދި އޭނާ ސަސްޕެންޑުކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަމަށް ހޫދު ވިދާޅުވިއެވެ.
ޝަޒައިލް ސަސްޕެންޑުކޮށްފައި ވަނީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓުދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލްއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އެމްޑީގެ މަގާމުން ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު، މޯލްޑިވްގޭސް ކުންފުނިން، ރާއްޖޭން ބޭރުން ގޭސް ގަތުމުގައި 50 މިލިޔަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިމަހު އަށްވަނަ ދުވަހު ވަނީ ނިންމާފައެވެ.