މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ އެމްޑީ ސަސްޕެންޑްކޮށްފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް ވިދާޅުވީ ޝަޒައިލް ސަސްޕެންޑްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ މައްސަލައިގެ އިތުރުން، ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓުދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލްއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޝަޒައިލް ސަސްޕެންޑް ކުރީ އިއްޔެ ކަމަށް ހޫދު ވިދާޅުވިއެވެ. އަދި ސަސްޕެންޑްކޮށްފައި ވަނީ މި ދެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ޝަޒައިލް އައްޔަންކޮށްފައި ވަނީ މިއަހަރު ޖެނުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.

އެމްޑީގެ މަގާމުން ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު، މޯލްޑިވްގޭސް ކުންފުނިން، ރާއްޖޭން ބޭރުން ގޭސް ގަތުމުގައި 50 މިލިޔަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިމަހު އަށްވަނަ ދުވަހު ވަނީ ނިންމާފައެވެ.