އެމްއެންޑީއެފް

ރާއްޖެއިން ބޭރުން އޮފިސަރު ކެޑޭޓް ތަމްރީން ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކޮށްފި

ރާއްޖެއިން ބޭރުން އޮފިސަރު ކެޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރައްވައިފިއެވެ.

އެމްއެންޑީއެފް ހެޑްކުއާޓާސް ބަންޑާރަކޮށީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންނަކީ އެމެރިކާ އިން އޮފިސަރު ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް އިސްމާއިލް އަހުމަދު އަދި ލެފްޓިނަންޓް އިބްރާހީމް އަލީ އާއި އިންޑިޔާއިން އޮފިސަރު ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް އަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ތައްޔިބާ އިބްރާހީމާއި ލެފްޓިނަންޓް އަހުމަދު ޝިޒާނު އަދި ލެފްޓިނަންޓް ނިއުމާ އަބްދުއްރަހްމާނެވެ.

ކަމިޝަން ކުރެއްވި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ، ސިފައިން ކޮށްފައިވާ ހުވަޔާއި ގައުމީ ޒިންމާ އަދާކުރުމުގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ މަތިން ހަނދާން އާ ކޮށްދެއްވައިފައެވެ. އަދި ސިފައިންގެ ގާބިލުކަން އިތުރު ކުރެއްވުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ގާބިލުކަން މިހާރަށްވުރެ އިތުރުކުރެއްވުމާއި ވެލްފެއާގެ ކަންކަން ރަނގަޅު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވާ ކަމަށެވެ.