އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގާއިމްކޮށްފައިވާ ''މެރަނާ'' ސްކީމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.
އާސަންދަ ކުންފުނިން މިރޭ ބުނީ، އެގައުމުތަކުގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ޖުމްލަ ކަވަރޭޖުގެ ގޮތުގައި ''މެރަނާ'' ސްކީމުގެ ދަށުން އަހަރަކު 150،000 ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޑްމިޓްނުކޮށް ހޯދާ ހިދުމަތްތަކަށް އަހަރު 10،000 ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި އެޑްމިޓް ކޮށްގެން ދެވޭ ހިދުމަތަކަށް ދޭނީ، އެޑްމިޓް ނުކޮށް ހޯދާ ހިދުމަތްތަކުގެ ކަވަރޭޖް ހިމަނައިގެން ޖުމްލަ 150،000 ރުފިޔާ ކަމަށެވެ.
އާސަންދައިން ބުނީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ސްކީމުގެ ހިދުމަތް ފެށިގެންދާއިރު، "މެރަނާ" ސްކީމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ހުށަހަޅާ ބޭސް ފަރުވާގެ ބިލުތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ހަރަދުކުރާ މިންވަރު މިހާރު 65 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށާއި އިންޑިއާ އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވެސް އެ ބަދަލު ލިބިގެންދާނެ ކަމަށެވެ.
"މެރަނާ" ސްކީމުގެ ހިދުމަތް މެލޭޝިއާއަށް ތައާރަފްކުރި ނަމަވެސް އެގައުމުން ''ކޭޝްލެސް'' ހިދުމަތެއް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ހިދުމަތް ލިބިގަތުމަށްފަހު، ފައިސާ ހޯދުމަށް ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް، ހިދުމަތް ހޯދި ބިލުތަކުގެ ކޮޕީއާއެކު ފޯމު ހުށަހެޅުމުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ފައިސާ ހަމަޖެހިގެންދާނެ ކަމަށް އާސަންދައިން ބުނެއެވެ.
އަދި ފަރުވާ ހޯދާތާ 60 ދުވަސް ތެރޭގައި ފައިސާ ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށާއި ހިދުމަތް ހޯދާފައިވާ ބިލުތައް ބަލައިގަތުމަށްފަހު 20 ދުވަސް ތެރޭގައި ރީއެމްބާސް ކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ހިދުމަތް ހޯދުމަށްފަހު ހުށަހަޅަންޖެހޭ ފޯމު އާސަންދަ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި އެގައުމެއްގައި ހުރި އެމްބަސީން ވެސް އެ ފޯމް ލިބޭނެއެވެ.