އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ނުވަތަ އެކޮމިޝަންގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝައުނާ ވިދާޅުވެއްޖެއެވެ.
އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ އިއްޔެ ބައްދަލު ކުރެއްވިއިރު، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައުނާ ވިދާޅުވީ ކިތަންމެ ވަރަކަށް އޭސީސީގެ މެންބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އޭސީސީގެ ފަސް މެމްބަރުންވެސް ތިއްބެވީ އެ އަމާޒުގައި ކަމަށް ޝައުނާ ވިދާޅުވިއެވެ. ނުފޫޒު ފޯރުވަން އުޅޭ ނަމަ އެކަން ހާމަ ކުރާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
''މީހަކު ނުފޫޒު ފޯރުވަން އުޅުނަސް އަޅުގަނޑުމެން އެކަން ހާމަ ކުރާނަން. ރިޕޯޓު ކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ޖެހިލުމެއް ނުވާނެ''
ޝައުނާ ވިދާޅުވީ އޭސީސީ އަކީ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮމިޝަނުން ސަރުކާރު ހިމާޔަތް ކުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭނެ ޖާގައެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަން ޝައުނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ހަމައެކަނި ހުށަހަޅާ ޝަކުވާއެއް ތަހުގީގު ކުރުމަށް ފަހު އެކަން ކުރި މީހަކަށް ފިޔަވަޅު އެޅުމުން ނިމުނީ ނޫން ކަމަށާއި، އޭގެ އިތުރުން ވެސް ކޮމިޝަނަށް ނިޒާމީ އެކި ބަދަލުތައް ގެންނަން ޖެހޭކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.
ކުރިއަށް އޮތްތާގައި އޭސީސީގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރަން ކުރެވިދާނެ ކަންކަން ފާހަގަ ކުރެވިއްޖެ ކަމަށާއި، އެކަންކަން އިސްލާހުކޮށް، ފިޔަވަޅު އަޅާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.