އެންޓި ކޮރަޕްޝަން ކޮމިޝަން

ކުންފުނިތަކަށް ބަދަލުދޭ މައްސަލަ އޭސީސީން ބަލަނީ

މަރިޔަމް ޝަހުދާ

އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދީފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލު ވިދާޅުވީ އެކި ކުންފުނިތަކަށް، ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުނިތަކަށް ފައިސާ ދީފައިވާ މައްސަލަ އެ ކޮމިޝަނުން ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ޝަކީލް ވިދާޅުވީ ބަދަލުގެ ގޮތުގައި ދައުލަތުން ގިނަ ފައިސާތަކެއް ދޫކުރި މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވަނީ އެއް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ނިންމާފައި ވަނީ، އޭގެން ކޮންމެ މައްސަލައެއް ވަކިން ބެލުމަށް ކަމަށް ޝަކީލު ވިދާޅުވިއެވެ. އޭގެން ކޮންމެ ސެޓަލްމަންޓެއްގެ ތަހުގީގު ވަކިން ކުރިއަށްގެންދާނެ ކަމަށް ޝަކީލު ވިދާޅުވިއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރީގެ ސަރުކާރުން ކޮންޓްރެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ދޯދިޔާ ކަމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެކި ގޮތްގޮތުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ. އަމީރު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގައި އޭނާ މަޖިލީހަށް ހާޒިރުކޮށް މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކުރީގެ ސަރުކާރުތަކުން ހަދާފައިވާ އެގްރީމެންޓުތަކާ ގުޅިގެން ބޮޑު އަދަދުތަކެއްގެ ފައިސާ ދައުލަތުން ކުންފުނިތަކަށް ދައްކާ މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.