އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށުމަށް ހަމަޖައްސާއިވާ ފެރީ ދަތުރު ތަކުގެ ތެރެއިން، އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީ ދަތުރުތައް ފެށުމަކީ ކަންބޮޑުވާކަމެއް ކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މި ކަންބޮޑުވުން ފާޅުކުރީ ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.
އިމިގްރޭޝަނުގެ ކަންބޮޑުވުމުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ، އެފަދަ ދަތުރުތަކެއް ފަށާއިރު ކަނޑުމަގުން ރާއްޖެ އެތެރެވާ މީހުންގެ މައުލޫމާތުތައް، އެކަމަށް ހާއްސަ ސިސްޓަމެއްގައި ރައްކާކުރެވިފައި ނެތުމުުގެ އިތުރުން އެ މައުލޫމާތު ދިމާނުވުމެވެ.
އިމިގްރޭޝަނުން ބުނީ 2013 ވަނަ އަހަރު ބޯޑާ ސިސްޓަމެއް ގާއިމް ކުރުމަށްފަހު ހަތް އަހަރު ފާއިތުވިއިރުވެސް، ކަނޑުމަގުން މީހުން އެތެރެވުމުގެ މޮޑިއުލެއް ހެދިފައި ނުވާކަމަށެވެ.
އެހެންކަމުން ކަނޑުމަގުން އެތެރެވާ އެއްވެސް ފަރާތެއްގެ މައުލޫމާތެއް ނެތް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފެށުމަށް ރާވަމުން އަންނަ ފެރީ ނިޒާމުގައި ދެ ގައުމުން އެއްބަސްވެފައި ވަނީ ކޮޗިން، ކެރަލާ، ހދ. ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރުމަށެވެ،