އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަސެޕްޓާ ކްރާފްޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ އެ އުޅަނދަކީ އެގައުމުގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެއް ކަމަށެވެ.
މި މަހުގެ ފަހުކޮޅު ރާއްޖެއަށް ހަދިޔާކުރާ މި އުޅަނދުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ގާބިލުކަން މިހާރަށްވުރެ އިތުރުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ގާނޫނާއި ގަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިންޑިއާއިން ފާސްޓް އިންޓަސެޕްޓާ ކްރާފްޓެއް ރާއްޖެއަށް ހަދިޔާކުރަން ނިންމިއިރު، އެގައުމުގެ ހިލޭ އެހީގެ ދަށުން 16 އޭޕްރީލް 2006 ވަނަ އަހަރު ވަނީ ރާއްޖެއަށް 46 މީޓަރުގެ ކޯސްޓްގާޑް ޝިޕް ހުރަވީ ހަދިޔާކޮށްފައެވެ.
ފާސްޓް އިންޓަސެޕްޓާ ކްރާފްޓުގެ ދުވެއްޔަކީ ގަޑިއަކު 48 މޭލެވެ. ބަންޑުން ޖަހައިފިނަމަ އަމިއްލައަށް ތެދުކުރުމުގެ ގާބިލްކަން ލިބިފައިވާ މި އުޅަނދުތަކަށް ވަޒަނެއް ނާރާނެއެވެ. އަދި އޭގައި މިސައިލް ވެސް ހަރުކުރުވޭނެއެވެ.
އެމްއެންޑީއެފް ކަނޑުގެ ފްލީޓުގައި މިހާރު ވެސް ފާސްޓް އިންޓަސެޕްޓާގެ ފަސް އުޅަނދެއް އޮވެއެވެ. މި އުޅަނދުތަކުގެ ތެރެއިން އެ އެއް އުޅަނދަކީ ކޮރެއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އުޅަނދެކެވެ.