ބާ ކައުންސިލް

ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމަކަށް ފަހު ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބޭގޮތަށް ގަވައިދެއް އެކުލަވާލައިފި

މަރިޔަމް ޝަހުދާ

ބާ އިމްތިހާނުގެ އިތުރުން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބޭގޮތަށް ބާ ކައުންސިލުން ގަވައިދެއް އެކުލަވާލައިފި އެވެ.

ބާ ކައުންސިލުން މި މި ގަވައިދު އެކުލަވާލައި ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ގަވައިދުގައި، ރާއްޖޭގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޭން ބަލާނެ މިންގަނޑުތަކުގެ އިތުރުން، ވަކީލު ކަމުގެ ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި ގަވައިދުގެ ދަށުން ރާއްޖޭގައި ގަނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދެވޭނީ 21 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށެވެ. މީގެ އިތުރުން، ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ، ކިޔަވައިދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުތަރަމަ ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ބޮޑު ޖިނާއީ ކުށެއް ކޮށްފައި ނުވުން، ނުވަތަ ކުށެއް ކޮށްފައިވާ ކަން ސާބިތުވެފައި ނުވުމުގެ އިތުރުން އަދާ ކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައިވާނަމަ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ދާ މީހަކަށް ވުމަކީ، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ މީހެއްގެ ކިބައިގައި ހުންނަން ކަނޑައަޅާފައިވާ ޝަރުތުތަކެވެ.

ބާ ކައުންސިލް އިމްތިހާނުގެ ހުރިހާ ތައްޔާރީތަކެއް ހަމަޖެއްސުމުގެ ޒިންމާ މި ގަވައިދުގައި މަތިކޮށްފައިވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށެވެ. އެގޮތުން އިމްތިހާނުގެ ސުވާލު ކަރުދާހުގެ އިތުރުން، ޖަވާބު ސްކީމް އަދި އިމްތިހާނު ބާއްވާނެ ދުވަހެއް ކަނޑައެޅުން ހިމެނެއެވެ.

ގަވައިދުގައި ވާ ގޮތުން އިމްތިހާނު ބާއްވާ ތަނެއް ހަމަޖެއްސުމުގެ ޒިންމާ އޮންނާނީ ވެސް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އަށެވެ. މަދުވެގެން ކޮންމެ އަހަރަކު އެއް އިމްތިހާނު ބޭއްވުމަށާއި، އިމްތިހާނު ބޭއްވުމުގެ 90 ދުވަސް ކުރިން އެކަން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން އިއުލާނު ކުރަން ޖެހޭ ކަމަށްވެސް ގަވައިދުގައި ވެއެވެ.

ވަކީލަކަށް ވުމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރެވޭނެ ވަކި ތަންތަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަންޑާރަ ނައިބުގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ލީގަލް ޕްރެކްޓީސްތައް އަދި ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ސުޕަވައިޒަރަކު ފުލްޓައިމްކޮށް ގާނޫނީ މަސައްކަތް ކުރާ ކޮންމެ ތަނެއްގައެވެ. އަދި ކޮންމެ ތަނެއްގައިވެސް ތަމްރީނު ފުރިހަމަ ކުރެވޭނީ ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރެއްގެ ދަށުންނެވެ.

ގަވައިދުގައި ބަޔާންކޮށްފައިވާ ތަންތަނުގައި، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ތަމްރީނު ހާސިލް ކުރަން ޖެހެއެވެ. ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދުމުން، އެ ހުށަހެޅުން ދިރާސާކޮށް އެމީހަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް ނިންމާނީ ލައިސަންސް ކޮމިޓީގެ ލަފަޔާއެކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީންނެވެ. އަދި ގިނަ ވެގެން 30 ދުވަހުގެ މުއްދަތެއްގައި ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ދިރާސާކޮށް، އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ނިންމުން އަންގަން ވާނެ ކަމަށް މި ގަވައިދުގައި ވެއެވެ.

އެގްޒެކެޓިވް ކޮމިޓީއިން ނިންމާ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ ފަރާތަކަށް އެ ކަމެއް އިސްތިއުނާފުކުރުމުގެ ފުރުސަތު މި ގަވައިދުން ލިބެއެވެ. އެގޮތުން އެގްޒެކެޓިވް ކޮމިޓީގެ ނިންމުން އަންގާތާ 30 ދުވަހުގެ ތެރޭގައި އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ސަބަބު ބަޔާންކޮށް އިސްތިއުނާފުކުރުމަށް އެޕީލް ކޮމިޓީއަށް ހުށަހެޅޭނެ ކަމަށް މި ގަވައިދުގައި ވެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ ގެޒެޓުގައި ގަވައިދު ޝާއިއު ކުރާ ތާރީހުން ފެށިގެނެވެ.