އެމްއެންޑީއެފް

ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ގައުމީ ފެންވަރުގެ ބިނާއެއް ގާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެންޑިއެފުން ބުނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ޖުމުހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ" ނަމުގައި ކަމަށާއި މި ބިނާ ވެގެންދާނީ މިގައުމުގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށް ކަމަށެވެ.

އެގޮތުން ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، ގާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ ވަން ސައިޒްގެ ފޯރމް ބޯރޑެއް ހުށަހެޅަންޖެހޭނެ ކަމަށާއި ފޯރމް ބޯޑްގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހޭނެކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ ތްރީ ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހޭނެ ކަމަށާއި، ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯޑް ފޯމެޓްގައި ސީޑީއެއްގައި ކަމަށެވެ.

ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައި ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތު ދެއެވެ. ފަރުމާ ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނީ ވަކިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ މިމަހު 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ. މުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު" ގެ މިލްކެއްގެ ގޮތުގައި ކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.