މަތީ ތައުލީމާއި ޓްރެއިނިގެ ފުރުސަތުތައް އިތުރު ކުރުމަށް މޯލްޑިވިއަން އިން ހަޔާ އެޑިއުކޭޝަން މިނިސްޓަރީ އާއެކު މަޝްވަރާކޮށްފި އެވެ.
އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ މިނިސްޓްރީން މަތީ ތައުލީމާއި ޓްރެއިނިންގެ ފުރުސަތުތައް އިތުރު ކުރުމަށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ އެކު ގެންދާ މަޝްވަރާ ބައްދަލުވުން ތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ބައިވެރިވެ ވަޑައިގެންނެވިއިރު، މޯލްޑިވިއަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
މި ބައްދަލުވުމުގައި ސަރުކާރު ކުންފުނިތަކުން ދަރިވަރުންނަށް ހުރި ޓްރެއިނިންގެ ފުރުސަތުތަކާއި ގުޅިގެން މަޝްވަރާ ކުރި ކަމަށް މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ. އަދި މަތީ ތައުލީމުގެ ދާއިރާއަށް ފައިސާ ހޯދޭނެ އިތުރު މަގުތަކާއި ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށް ވެސް ބުނެފައިވެއެވެ.