މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

ކުޑަކުދިންގެ އަދުލުގެ ބިލުގެ މަފްހޫމަކީ ކުށުގެ ވެށީގައި އުޅޭ 300 ކުދިން ސަލާމަތް ކުރުން: ޖީހާން

އިބްރާހިމް ޒަކީ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ކުރިއަށް ގެންދާ ކުޑަކުދިންގެ އަދުލުގެ ބިލްގެ މަފްހޫމަކީ ކުށުގެ ވެށީގައި މިހާރުތިބި 300 ކުދިން ސަލާމަތް ކުރުން އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލްގެ މަސައްކަތުގައި، އެ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލު ކުރައްވައި އެ މުއައްސަސާތަކުން ބިލުގައި ހިމަނަން ޖެހޭ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، މުޅި ގާނޫނުގެ މަފްހޫމަކީ ކުޑަކުދިންނާ ކޮންޓެކްޓް ވެދާނެ ކަމަށް ގަބޫލު ކުރެވޭ ކުރިހާ މުއައްސަސާ އަކަށް ތަމްރީން ލިބިފައިވާ މީހުން ބިނާ ކުރުން ކަމަށެވެ.

ކަމާބެހޭ މުއައްސަސާތަކުގައި މިހާރު ތިބީ ތަމްރީން ލިބިފައި ތިބި މީހުން ނޫންކަން ފާހަގަ ކުރައްވައި ޖީހާން ވިދާޅުވީ، މުއައްސަސާތަކުގައި ތަމްރީން ލިބިފައި ތިބި މީހުން ބޭތިއްްބުމަށް ބިލްގައި ހަ މަސްދުވަސް ދިނުމަށް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެ ތަމްރީންތަކާ ގުޅޭ މާއްދީ ވަސީލަތްތައް މުއައްސަސާތަކުގައި ގާއިމް ކުރުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.

ޖީހާން ވިދާޅުވީ މީހުންގެ ތަމްރީން ނެތުމާއި ވަސީލަތް ނެތުމަކީ ގާނޫނު ދެކޭ ތަސައްވުރަށް އުނިކަން އައުން ކަމަށް ދެކިގެންނުވާނެ ކަމަށެވެ.

ބިލުގައި ފުލުހުންނަށް ބާރުތައް ދޭއިރު، ވިސްނަން ޖެހޭނީ ކުޑަކުދިންނަށް ކަމަށާއި، ކުށުގެ ވެށީގައި ހިމެނޭ 300 ކުދިންގެ ތެރެއިން ގޭންގުތަކުގެ ނުފޫޒުން ހައި ކްރައިމް ތަކުގައި ހިމެނެނީ ވިއްސަކަށް ކުދިން ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލްގެ މަސައްކަތުގައި، ފުލުހުންނާއި އޭޖީ އޮފީހާއި ޕީޖީ އޮފީހުގެ އިތުރުން އެޗްއާރުސީއެމް އާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާކުގެ އިސް ބޭފުޅުންނާ ކޮމިޓީން މިއަދު ބައްދަލު ކޮށްފައެވެ.